Friday 19 March 2010

ނަސޭހަތް ދިނުން ހުއްޓުވެންވީ ކީއްވެހެއްޔެވެ؟ ސިފައިންނަކީވެސް ވައުޛު އިއްވެން ޖެހޭނެ ބައެކެވެ

ނަސޭހަތް ދިނުން ހުއްޓުވެންވީ ކީއްވެހެއްޔެވެ؟ ސިފައިންނަކީވެސް ވައުޛު އިއްވެން ޖެހޭނެ ބައެކެވެ!
ޤާޞިދު

ޝައްކެއްނެތެވެ. ދިވެހި މުޖުތަމަޢުގައި މުންކަރާތްތަކާއި ފާހިޝް ކަންތައްތައް ފެތުރި ޢާއްމިވެފައިވާ މިންވަރު ބަލާލި ކޮންމެ ދިމާލަކުންވެސް ލޯ ހުރިމީހަކަށް ފެންނާނެއެވެ. ނުބައިކަމަކަށް ނުކުރަނީ ކޮންކަމެއްތޯއެވެ؟. މަގުފޭރުމާއި، މަރާމާރީއާއި، ޒިނޭއާއި، ވައްކަންކުރުމާއި، މަސްތުވާތަކެތީގެ ވަބާ، އޭގެ އެންމެ މައްޗަށްގޮސްފައިވާއިރުވެސް މިއީ ހަމަ ސައްތައިންސައްތަ އިސްލާމީ ޤައުމެކޯލައެވެ. ސްކޫލްތަކުގައި ކިޔަވާ ކުދިންގެތެރެއިން ނަހަލާލަށް ބަލިވާކުދިންގެ ޢަދަދު ދިރާސާކޮށްލި ކޮންމެ މީހަކަށް މި 'ސައްތައިންސައްތަ' އިސްލާމީ މުޖުތަމަޢުގައި މުންކަރާތްތައް ފެތުރިފައި ވާމިންވަރު އެނގޭނެއެވެ.

މިޙާލަތަށް ކަންތައްތައްދިއުމުން، ދިވެހިންނަށް އެބައިމީހުންގެ ދީނަށް ރުޖޫޢަވުމަށް ގޮވައިލައި، މިމުންކަރާތްތައް ނަހީކޮށް ޙައްޤަށް ވަސިއްޔަތް ކުރުމަކީ، ޢާއްމުކޮށް އެންމެންގެ އަދި ޚާޞަކޮށް ދީނީ ޢިލްމުވެރިންގެ ވާޖިބެކެވެ. ކޮންމެހެން ކުރަންޖެހޭނޭ ކަމެކެވެ.
ﷲ سبحانه وتعالى ވަހީ ކުރައްވަނީ كُنْتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنْكَرِ وَتُؤْمِنُونَ بِاللَّهِ... މާނައީ: "ތިޔަބައިމީހުންނަކީ މީސްތަކުންނަށް ޓަކައި ނެރުއްވި އެންމެ ހެޔޮ މުންމަތުގެ މީހުންނެވެ. އެހެނީ ތިޔަބައިމީހުން ހެޔޮ ކަންތަކަށް އަމުރުކުރަމުއެވެ. އަދި ނުބައިކަންތައް ނަޙީ ކުރަމުއެވެ. އަދި ތިޔަބައިމީހުން ﷲ އަށް އީމާން ވަމުއެވެ."( سورة آل عمران 110) .މިއާޔަތުން ޝައްކެއްނެތި އެނގޭގޮތުގައި މިއުންމަތް އެހެން އުންމަތްތަކުގެ މައްޗަށް މާތް ކުރެވުނު ސަބަބަކީ މިއުންމަތުގެ މީހުން ހެޔޮކަންކަމަށް އަމުރުކޮށް ނުބައި ކަންތައް ނަހީ ކުރާކަމެވެ. ހެޔޮކަންތަކުގައި އެކަކު އަނެކަކަށް ވާގިވެރިވެ ނުބައިކަންތަކުން އެއްބަޔަކު އަނެއްބަޔަކު ދުރުކުރުމަށް ޓަކައި މަސައްކަތް ކުރާކަމެވެ. އަދިވެސް އެއިލާހް ވަޙީ ކުރެއްވިއެވެ. وَلْتَكُنْ مِنْكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ وَأُولَئِكَ هُمُ الْمُفْلِحُونَ މާނައީ: އަދި ހެޔޮމަގަށް ގޮވާ (ހެޔޮކަންކަމަށް އަމުރުކުރާ) އަދި ނުބައިކަންތައް ނަހީކުރާ ބަކަކު ތިޔަބައިމީހުންގެ ތެރެއިން ތިބޭހުށިކަމެވެ. އެބައިމީހުންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ." (سورة آل عمران104)
ނަމަވެސްހިތާމައަކީ، ކަންމިހެންހުރުމާއެކުވެސް ،މިރާއްޖޭގައި ދީނީ ޢިލްމުވެރިންގެ ދޫތައް ހުޅުވެންވާވަރަށް އަދިވެސް ހުޅުވިފައި ނުވާކަމެވެ. އެބައިމީހުންގެ ދަޢުވަތުދިނުމުގައި އެބައިމީހުންނަށް ޚާލިސް މިނިވަންކަން އަދިވެސް ލިބިފައިނުވާކަމެވެ. އެހެނީ ދާދި ފަހުން ލިބުނު ޚަބަރަކީ ދިވެހިރާއްޖޭގެ މަޝްހޫރު ޝައިޚް އިލްޔާސް ޙުސައިންގެ ދަރުސެއް ދިވެހި ސިފައިންނަށް ދޭން ހަމަޖެހިފައި ވަނިކޮށް އެކަން މަނާކުރެވުނު ޚަބަރެވެ.
މިފަދަ ހެޔޮކަންތައްތަކަކީ މަނާ ކުރެވިގެންވާނޭ ކަންތައްޔަކެއް ނޫނެވެ. އަދި ވަކިން ކާއްޞަކޮށް މިޤައުމާއި ދިވެހިރައްޔިތުންގެ ދިފާޢުގައި، އެބައިމީހުންގެ މޭތައް އައްޑަނަތަކެއްފަދައިން ދުޝްމިނުންނާ ދިމާކޮށް ޤައުމު ހިމާޔަތް ކުރަންތިބިބަޔަކަށް ދީނީގޮތުން ވަޢުޛު އިއްވެން އުޅޭއިރު، އަދި އެބައިމީހުންވެސް އެކަމަށް އެދިއެދިތިބިއިރު، އަދި އެކަމަކީ ޤާނޫނާއި ޤަވާއިދުގެ ހުދޫދުގެ ތެރޭގައި ތިބެގެން ކުރެވޭ ކަމަކަށްވާއިރު، އެކަންމަނާކޮށް ހުއްޓުވޭނީ ކޮންޤާއިދާއެއްގެ ދަށުން ހެއްޔެވެ؟
މުސްލިމު ފިރިހެނުންނާއި އަންހެނުންގެ މިސާލު ﷲ ތަޢާލާ އެއިލާހުގެ ކަލާމްފުޅުގައި ބަޔާންކުރައްވާފައވާގޮތް ފަހެ ތިޔަބައިމިހުން ނުދެކެނީހެއްޔެވެ؟ އެއިލާހު ވަޙީ ކުރައްވާފައިވެއެވެ. وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ وَيُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللَّهَ وَرَسُولَهُ أُولَئِكَ سَيَرْحَمُهُمُ اللَّهُ إِنَّ اللَّهَ عَزِيزٌ حَكِيمٌ. މާނައީ: "އަދި މުއުމިނުފިރިހެނުންނާއި މުއުމިނުއަންހެނުންނަކީ އޭގެ އެއްބަޔަކު އަނެއްބައެއްގެ އެހީތެރީންކަމުގައިވާ މީހުންނެވެ. އެއުރެން ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަޙީކުރެތެވެ. އަދި އެއުރެން ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވެތެވެ. އެއުރެންނަށް ﷲ ރަޙްމަތްލައްވާހުއްޓެވެ. ހަމަކަށަވަރުން ﷲ އީ، ޢަޒީޒްވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ." (سورة التوبة 71)
އޭލޮބުވެތި ވެރިންނޭވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ މަސްޢޫލިއްޔަތާއި ޒިންމާ ވަރަށްވެސް ބޮޑެވެ. ތިޔައީ މިދިވެހިޤައުމުއެ އެއޮޑިއެއްގައި ދަތުރުކުރަމުންދާ އޮޑީގެ ހުންގާނުގައިތިބި މީހުންނެވެ. ރަނގަޅު ހެޔޮލަފާ ވެރިންގެ ސިފަ ﷲ ތަޢާލާ ބަޔާންކުރައްވާ، އެބައިމީހުންނަށް ތަޢުރީފްކުރައްވާފައިވަނީ ކިހިނެއްކަން ބަލާލަންބޭނުންނަމަ ކީރިތި ޤުރްއާނުގެ މިލިޔާ އާޔަތް ކިޔާލާށެވެ. ... وَلَيَنْصُرَنَّ اللَّهُ مَنْ يَنْصُرُهُ إِنَّ اللَّهَ لَقَوِيٌّ عَزِيزٌ މާނައީ: "އަދި ﷲ އަށް ނަޞްރުދޭ މީހަކަށް އެއިލާހް ނަޞްރުދެއްވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން ﷲ އީ ބާރުވެރިވަންތަ ޢަޒީޒްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ." (سورة الحج 40). الَّذِينَ إِنْ مَكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ وَآَتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنْكَرِ وَلِلَّهِ عَاقِبَةُ الْأُمُورِ މާނައީ: "އެއުރެންނީ ބިމުގައި، ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފިނަމަ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ހެޔޮކަންތަކަށް އަމުރުކޮށް އަދި ނުބައިކަންތައް ނަޙީކޮށް އުޅޭމީހުންނެވެ. އަދި ކަންކަމުގެ ނިމުންވަނީ ﷲ އަށެވެ." (سورة الحج 41)
މިއައްފަހު، ނިކަމެތި އަޅުގަނޑު ދީނީ ޢިލްމްވެރިންނަށް ޙަނދާންކޮށްދެން ބޭނުންވަނީ ލުޤްމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަސޭހަތްފުޅެވެ. يَا بُنَيَّ أَقِمِ الصَّلَاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنْكَرِ وَاصْبِرْ عَلَى مَا أَصَابَكَ إِنَّ ذَلِكَ مِنْ عَزْمِ الْأُمُورِ މާނައީ: "އޭދަރިފުޅާއެވެ. ތިބާ ނަމާދު ޤާއިމްކުރާށެވެ. އަދި ހެޔޮކަންތަކަށް އަމުރުކުރާށެވެ. އަދި ނުބައިކަންތައް ނަޙީކުރާށެވެ. އަދި (އެކަމުގައި) ތިބާއަށް ކުރިމަތިލާންޖެހޭ މުސީބާތައް ކެއްކުރާށެވެ." (سورة لقمان17)

1 comment:

  1. varah rangalhu vaahaka eh.i agree with u brother. keep up the good work. may allah bless u

    ReplyDelete