Monday 15 March 2010

މަރުހަނދާން ކުރުމުގައި ކުޑަކުޑަ ވަގުތުކޮޅެއް...

މަރުހަނދާން ކުރުމުގައި ކުޑަކުޑަ ވަގުތުކޮޅެއް...

ސައިފް

اعْلَمُوا أَنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌ بَيْنَكُمْ وَتَكَاثُرٌ فِي الْأَمْوَالِ وَالْأَوْلَادِ كَمَثَلِ غَيْثٍ أَعْجَبَ الْكُفَّارَ نَبَاتُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرًّا ثُمَّ يَكُونُ حُطَامًا وَفِي الْآَخِرَةِ عَذَابٌ شَدِيدٌ وَمَغْفِرَةٌ مِنَ اللَّهِ وَرِضْوَانٌ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ (سورة الحديد 20 ) މާނައީ: "ތިޔަބައިމީހުން ދަންނާށެވެ! ދުނިޔޭގެ ދިރިއުޅުން ވާކަންކަށަވަރީ ކުޅިވަރެއްކަމުގައެވެ. އަދި މަޖަލެއްކަމުގައެވެ. އަދި ޒީނަތެއްކަމުގައެވެ. އަދި ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކަށް ބޮޑާވެގަތުމެއް ކަމުގައެވެ. އަދި މުދާތަކާއި، ދަރިންތަކާއިމެދު އެކަކުއަނެކަކަށް ވުރެ ގިނަކަމަށްބުނެ މޮޅުވާހަކަ ދެއްކުމެއް ކަމުގައެވެ. ވާރޭ ފެނެއްގެ މިސާލުގައެވެ. އެފެނުން ފެން ލިބިގެން ފެޅި ގަސްތަކެއް ދަޑުވެރިން ޢަޖާއިބުކޮށްފައި ވެއެވެ. ދެން އެގަސްތައް ހިކިދެއެވެ. ދެން އެގަހުގެ ފަތްތައް ރީނދޫވެފައި ވަނިކޮށް ތިބާއަށް ފެންނާނެއެވެ. ދެން އެހިކި، ހުއި ތަކަކަށް ވެދެއެވެ. އަދި އާޚިރަތުގައި ވަނީ ގަދަފަދަ ވެގެންވާ ޢަޒާބެވެ. އަދި ﷲގެ ޙަޟްރަތުން ލިބޭ ފާފަފުއްސެވުމަކާއި، ރުއްސެވުމެކެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއްކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ."

رسول الله صلي الله عليه وسلم ގެ ޞަޙާބީން މަރުހަނދާންކުރުމަށްޓަކައި އެއްވާކަމުގައިވެއެވެ. އެއީ އޭގެސަބަބުން އެބޭކަލުންގެ އީމާންތެރިކަން އިތުރުވެ ﷲ ގެ ރުއްސެވުމާއި ފުއްސެވުން ހޯއްދުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރުމަށް އިތުރު ހިތްވަރު ލިބޭ ކަމަކަށް ވާތީއެވެ. އެހެނެއްކަމަކު އެބޭކަލުންނަކީ ﷲ تعالي އެބޭކަލުންނަށް تعريف ކުރައްވައި ތަޒްކިޔާ ދެއްވާފައިވާ ބޭފުޅުންނެވެ. އެންމެ ހެޔޮ ޤަރުނުގެ ބޭފުޅުންނެވެ. މިބޭކަލުން މިގޮތަށް ޢަމަލު ކުރެއްވިއިރު އަޅުގަނޑުމެން ފަދަ އަބަދާއި އަބަދު ފާފަތަކަށް އަރައިގަންނަމުންދާ މީހުންގެ ޙާލަކީ ކޮބައިތޯ؟
އަޅުގަނޑުމެންނަށް އެބަ މަރުހަނދާންކުރެވޭބާ؟ ފާފައިން ތަތްތެޅިފައިވާއިރު ﷲ تعالي ގެ حضرة އަށް ތަޢުބާ ވެވޭތޯ؟
ވީމާ އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ހިނގާ އަޅުގަނޑުމެންވެސް މިދުނިޔޭގެ އެންމެހާ ލައްޒަތާއި އަރާމެއް ނެތިކޮށްލާއެތި ، އާދެ " މަރު" މަތިން ހަނދާންކޮށްލަމާ!
އެގޮތުން އިންސާނާގެ ހަޔާތުގެ ނިމޭހިސާބަށް ބަލާލަމާތޯއެވެ؟ ބަލާލާއިރު މިފެންނަނީ އެނދެއްގައިވާ މީހެކެވެ. އޭނާގެ ގާތުގައި އޭނާގެ ތިމާގެމީހުންނާއި ، ރައްޓެހި ރަޙްމަތްތެރިންނާއި، އަވައްޓެރި މީހުން ވަށާލާފައިވާތަނެވެ. އޭނާގެ ބައްޕައުޅެނީ އޭނާގެ އެންމެ ފަހުނޭވާ ދިއުމުގެ ކުރިން އަވަހަށް ޙަކީމަކު ގެނެވޭތޯއެވެ. އޭނާގެ މަންމަ " ދަރިފުޅާއޭ މަންމަމެން ދޫކޮށްފައި ނުދާށޭ " މިހެން ކިޔައި ރޮނީއެވެ.އޭނާގެ އަނބިމީހާ އެހެރަބުނަމުން ގެންދަނީ " އަހަރުމެން ދޫކޮށްލާފައި ކަލޭ ތިޔަދަނީ ފަހެ ކާކަށްޓަކައިހެއްޔެވެ؟" އޭނާގެ އަންހެންދަރިފުޅު އޭނާގެ ގައިގައި ހިފާ ތަޅުވަމުން އެގޮވަނީ " ބައްޕާއޭ! އަހަންނަށް ޖަވާބު ނުދެނީ ކީއްވެހެއްޔެވެ؟" އޭނާގެ ފިރިހެން ތުއްތު ތުއްތު ދަރިފުޅު ރޮނީއެވެ. އެއްވެސް މީހަކު އެކުއްޖާއަކާއި އަޅައެއްނުލައެވެ. އެންމެފަހުން ގައިން ވާގިދޫވާންފަށައިފިއެވެ. އެއްފައި އަނެއްފަޔާއި ޖެހި ފިތެއްޖެއެވެ. އެންމެ ފަހުގެ ނޭވާ ދޫކޮށްލުމާއެކީގައި ލޯމަރާލާފިއެވެ.
ﷲ تعالي އެކަލާނގެ ކަލާމްފުޅުގައި وحي ކުރައްވާފައިވަނީ حق ތެދެވެ. އެކަލާނގެ ވަޙީކުރައްވަނީ "كَلَّا إِذَا بَلَغَتِ التَّرَاقِيَ (26)وَقِيلَ مَنْ رَاقٍ (27) وَظَنَّ أَنَّهُ الْفِرَاقُ (28) وَالْتَفَّتِ السَّاقُ بِالسَّاقِ (29) " (سورة القيامة) މާނައީ " ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ފުރާނަ ކަރުވަޅާއި ހަމައަށް ފޯރައްޖެހިދެވެ. އަދި އަންގަވާހިނދެވެ. ރުޤްޔާއެއް ކިޔަވައި ފަރުވާއެއްކުރާނީ ފަހެ ކާކުހެއްޔެވެ؟ އަދި އޭނާ (މަރުވާމީހާ) އެއީ ވަކިވުން ކަމުގައި ޔަޤީން ކޮށްފި ހިނދެވެ. އަދި (މަރުގެ ސަކަރާތުގައި) އެއްފައި އަނެއްފަޔާއި ޖެހޭ ހިނދެވެ (ފިތިއްޖެ) ހިނދެވެ."
ކޮންމެއަކަސް މިއަދު އެމީހާ ކަފުންކުރަމުން އެގެންދަނީ ، އިއްޔެ އޭނާގެ ރައްޓެހި ރަޙްމަތްތެރިން ކަމުގައިވީ މީހުންނެވެ. އޭނާގެ ބަލަދުވެރި ސަހަރޯވެރިން ކަމުގައިވީ މީހުންނެވެ. އެމީހުން އޭނާ ކަފުންކޮށް، އޭނާގެމައްޗަށް ކުރެވޭ އެންމެ ފަހުގެ ނަމާދު، އާދެ ކަށުނަމާދު ކުރުމަށްފަހު އެމީހުންގެ ކޮނޑުތަކުގައި އޭނާ އުފުލައިގެން އެތިބަގެންދަނީ އޭނާގެ مكان ކަމުގައިވާ ކައްވަޅާއި ދިމާލަށެވެ. އޭނާ އޮވެގެން އެގޮވަނީ " މިއަށް ހަލާކުހުއްޓޭ! މި މިގެންދެވެނީ ކޮންތަނަކަށްހޭ! "
އެކަލާނގެ ވަޙީކުރައްވަނީ إِلَى رَبِّكَ يَوْمَئِذٍ الْمَسَاقُ (30) (سورة القيامة) މާނައީ " އެދުވަހުން އެމީހަކު ގެންދެވުން ވަނީ، ތިބާގެ ވެރިރަސްކަލާނގެ ޙަޟުރަތަށެވެ."
ކޮންމެއަކަސް އޭނާ ވަޅުލައި ނިމި، އޭނާ އެވަޅުތެރަށް އެކަނިމާއެކަނި ދޫކޮށްފައި ދާއިރު އެމީހުންގެ ފައިވާންތަކުގެ އަޑުވެސް އެމީހާ އަހާނެތެވެ. އެއަށްފަހު އެމީހާއަކީ ފާސިޤު ފާޖިރު މީހެއްނަމަ އެމީހާއަށް ހަމަޔަޤީނުންވެސް މިއާޔަތް ރައްދުވެގެން ވެއެވެ.
އެކަލާނގެ ވަޙީކުރައްވަނީ " فَلَا صَدَّقَ وَلَا صَلَّى (31) وَلَكِنْ كَذَّبَ وَتَوَلَّى (32) ثُمَّ ذَهَبَ إِلَى أَهْلِهِ يَتَمَطَّى (33) أَوْلَى لَكَ فَأَوْلَى (34) ثُمَّ أَوْلَى لَكَ فَأَوْلَى (35 ) أَيَحْسَبُ الْإِنْسَانُ أَنْ يُتْرَكَ سُدًى (36) (سورة القيامة) " މާނައީ " ފަހެ އޭނާ (ﷲ ގެ ފޮތް) ތެދެއްވެސް ނުކުރެތެވެ. އަދި ނަމާދެއްވެސް ނުކުރެއެވެ. އަދި ކީއްހެއްޔެވެ؟ އޭނާ ދޮގުކުރިއެވެ. އަދި އޭނާ ފުރަގަސްދީ އެނބުރި ދިޔައެވެ. ދެން އޭނާގެ އަހުލުވެރިންގެ ގާތަށް ބޮޑާކަންމަތީ ހިނގަމުން ދިޔައެވެ. ކަލެޔަށް ހަލާކުހުއްޓެވެ. ފަހެ (ކަލެޔަށް) ހަލާކުހުއްޓެވެ. ދެންވެސް ކަލެޔަށް ހަލާކުހުއްޓެވެ. ފަހެ (ކަލެޔަށް) ހަލާކުހުއްޓެވެ. ބޭކާރުގޮތެއްގައި އޭނާ ދޫކޮށްލައްވާނެކަމަށް އޭނާ ހީކުރަނީހެއްޔެވެ؟"
އެއަށްފަހު އޭނާ ކައްވަޅުގައި އެކަނިމައިއެކަނި އޮންނާނެއެވެ. އަދި އޭނާއަށް ނަރަކައިގެ ހޫނުކަން އިޙްސާސްވެ، އެތަނުގެ ނުބައިވަސް އެމީހާއަށް ދުވާނެއެވެ. އަދި އެމީހާގެ އެއްކަށިގަނޑު އަނެއްކަށިގަނޑުގެ ތެރެއަށް ވަދެގެންދާގޮތަށް އެކައްވަޅު ފިއްތާލާނެއެވެ. އަދި އޭނާއަށް އެތަނުގައި އިތުރު ވޭންދެނިވި ޢަޒާބާއި ނިކަމެތިކަން ލިބޭނެތެވެ. އަދި އާޚިރަތްދުވަހުން އެމީހާގެ ޙާލަކީ ކޮބައިތޯ؟ ހަމަޔަޤީނުންވެސް އޭނާއަށް ލިބޭ ޢަޒާބު އިތުރުވެގެންދާނެއެވެ. والله أعلم!!
" الصاخة " ގެ އަޑު އިވެންދެން އޭނާ އެކައްވަޅުގައި އޮންނާނެއެވެ. އާދެ! " الصاخة " އަކީ ކޮބައިތޯ؟ އެއީ ތާޅަފިލީގެ ދެވަނަ ފުންމުމުގެ އަޑެވެ. އެކަލާނގެ ވަހީކުރައްވަނީ "فَإِذَا جَاءَتِ الصَّاخَّةُ (33) (سورة عبس) " މާނައީ " ފަހެ ގަދަފަދަ އަޑު އަތުވެއްޖެ ހިނދެވެ. " يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ (34) وَأُمِّهِ وَأَبِيهِ (35) وَصَاحِبَتِهِ وَبَنِيهِ (36) (سورة عبس) " މާނައީ " އެމީހާ އޭނާގެ އަޚާގެ ކިބައިންނާއި، އޭނާގެ އަނބިމީހާގެ ކިބައިންނާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ. "لِكُلِّ امْرِئٍ مِنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ (37) (سورة عبس) " އެއުރެންކުރެ ކޮންމެމީހަކަށް ، އެމީހަކު އަވަދިނެތި ކުރާނޭކަމެއް އެދުވަހުން ވެއެވެ. " އެއާއިއެކު ކައްވަޅުތަކުގައި ވާނަމަ ވާހާއެއްޗެއް ނެރެވި މަޙްޝަރު ކުރެވޭނެއެވެ.
އެކަލާނގެ ވަޙީކުރައްވަނީ "قَالُوا يَا وَيْلَنَا مَنْ بَعَثَنَا مِنْ مَرْقَدِنَا هَذَا مَا وَعَدَ الرَّحْمَنُ وَصَدَقَ الْمُرْسَلُونَ (52) " (سورة يس)
މާނައީ " އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ތިމަންމެން ނިދަން ތިބިތަނުން އަލުން ދިރުމަކަށް ފޮނުއްވީ ކާކުހެއްޔެވެ؟ މިއީ ރަޙްމާންވަންތަ ރަސްކަލާނގެ ވަޢުދު ކުރެއްވި ކަންތަކެވެ. އަދި ރަސޫލުން ވިދާޅުވި ތެދު ބަސްފުޅުތަކެވެ. "
އެދުވަހަކީ މުޅިދުނިޔޭގެ نظام ގެއްލި ފުނޑު ފުނޑުވެގެންދާ ދުވަހެވެ. އެދުވަހަކީ ބިރުވެރި ދުވަހެކެވެ. ސުންޕާކަން ބޮޑުދުވަހެކެވެ.
"إِذَاالسَّمَاءُانْفَطَرَتْ(1(" މާނައީ " އުޑުފަޅައިގެން ދާހިނދެވެ." وَإِذَا الْكَوَاكِبُ انْتَثَرَتْ (2) މާނައީ " އަދި ތަރިތައް ވެރި، ބުރައިގެންދާ ހިނދެވެ." وَإِذَا الْبِحَارُ فُجِّرَتْ (3) މާނައީ " އަދި ކަނޑުތައް ހުޅުވައިލެވި، އެއްކަނޑު އަނެއްކަނޑާ ގުޅޭހިނދެވެ."
وَإِذَا الْقُبُورُ بُعْثِرَتْ (4) މާނައީ " އަދި ކައްވަޅުތައް އެފުއް މިފުށަށްޖެހި، ކައްތައް ނެރެލައްވާ ހިނދެވެ.
عَلِمَتْ نَفْسٌ مَا قَدَّمَتْ وَأَخَّرَتْ (5) )سورةالإنفطار( މާނައީ " (އެހިނދު) ކޮންމެ ނަފްސަކަށް އެނަފްސެއް އިސްކުޅަހާ ކަމަކާއި ފަސްކުޅަހާކަމެއް އެގޭނެތެވެ."
އެންމެހާ އަޚުންނާއި އުޚުތުންނޭވެ! އެދުވަހުގެ ބިރުވެރިކަން ނިކަން ވިސްނަވާށެވެ! ﷲ ވަޙީކުރައްވަނީ : يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ إِنَّ زَلْزَلَةَ السَّاعَةِ شَيْءٌ عَظِيمٌ (1) މާނައީ" އޭމީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوي ވެރި ވާށެވެ! ހަމަކަށަވަރުން ޤިޔާމަތް ވުމުގެ ބިންހެލުމަކީ ބޮޑުވެގެންވާ ކަމެކެވެ."
يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّا أَرْضَعَتْ وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى النَّاسَ سُكَارَى وَمَا هُمْ بِسُكَارَى وَلَكِنَّ عَذَابَ اللَّهِ شَدِيدٌ (2) (سورة الحج) މާނައީ " އެދުވަހުން، ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި، އަދި މާބަނޑު އަންހެނުން އެއުރެންގެ ބަނޑުގައި އޮތް ދަރި (ބިރުންގޮސް) ވިހައި، އަދި މީސްތަކުން މަސްތުވެފައި ތިބޭބަޔަކުފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެއުރެންވަނީ މަސްތުވެފައެއްނޫނެވެ. އެހެނެއްކަމަކު ﷲ ގެ ޢަޒާބު ގަދަފަދައީއެވެ.
ކޮންމެއަކަސް ކުރުގޮތަކަށް ނަމަވެސް މިބަލާލެވުނީ ނުބައި ނުލަފާފާސިޤު މީހަކަށް އޭނާގެ ނިމުން އަންނަހިނދު ވެގެންދާނެ ، އަދި ކައްވަޅުގައި އޭނާކުރިމަތިލާންޖެހޭ ބައެއް މަރުޙަލާތަކުގެ ވާހަކަތަކަށެވެ. އެހެންވީމާ އެންމެހާ އަޚުންނާއި އުޚުތުންނޭވެ! މިކަންތައްތަކަކީ އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ވާނޭ ކަންތައްތަކެއްނޫނެވެ. އެހެނީ އަޅުގަނޑުމެންގެ ކޮންމެ އަޚަކާއި ، އުޚުތަކީވެސް މިނުރައްކާތެރި ވަޅުގަނޑަށް ވަންނާނެ މީހެކެވެ. މަރުގެ ސަކަރާތާއި ކުރިމަތިލާންޖެހޭނެ މީހެކެވެ. ސުވަރުގެ ނުވަތަ ނަރަކައަށް ދާންޖެހޭނެމީހެކެވެ. ވީމާ ކުރެވިފައި ހުރި ފާފަތައް އެއްކިބާކޮށް ފުރިހަމަ ތައުބާއަކުން ތައުބާވުމަށް އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި، ތިޔަ އެންމެހާ އަޚުންނާއި އުޚުތުންނަށް ގޮވާލައި ވަޞިއްޔަތްކުރަމެވެ. ﷲ سبحانه وتعالي އަޅުގަނޑުމެންނަކީ ގިނަގިނައިން މަރުމަތިން ހަނދާންކޮށް ގިނަގިނައިން ތައުބާވާ ބަޔަކުކަމުގައި ލައްވާށިއެވެ. އާމީން!

No comments:

Post a Comment