Saturday 17 April 2010

އިސްލަމްދީނުގައި އަންހެނުންގެ ޙައްޤުތައް

އިސްލަމްދީނުގައި އަންހެނުންގެ ޙައްޤުތައް
މާޖިދް


ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُمْ بِأَحْسَنِ مَا كَانُوا يَعْمَلُونَ
މާނައީ:"ފިރިހެނެއް ކަމުގައި ވިޔަސް އަންހެނެއް ކަމުގައި ވިޔަސް، އީމާންވެހުރެ ޞާލިޙް ޢަމަލު ކޮއްފިނަމަ ހަމަކަށަވަރުން އެމީހަކަށް ބާއްޖަވެރި ހަޔާތެއް ތިމަން އިލާހް ދެއްވާހުށީމެވެ." (سورة النحل 97)

ޖާހިލިއްޔަ ޒަމާނުގައި އަންހެނުންގެ ޙައްޤުތައް:
ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަކީ ވަރައްވެސް ނިކަމެތި ބައެކެވެ. އެބައި މީހުންގެ އެއްވެސް ޙައްޤެއް ނޯވެއެވެ. ދިރިހުއްޓާ ވަޅުލުން، ތަރިކަ މުދަލެއް ގޮތުގައި ބޭނުންކުރުން، ތަރިކަ މުދަލުން މަޙްރޫމް ކުރުން، ބައްޕަ ރޭކޮއްފައިވާ އަންހެނާ ބޭނުންކުރުން...މިފަދަ ހަޑިމުޑުދާރު އެތައް ޢަމަލެއް އަންހެނުންނާމެދު ކުރެވެމުން ދިޔައެވެ. ނަމަވެސް އިސްލާމްދީނުގެ ނޫރު ދުނިޔެއަށް ފާޅުވުމާއެކު އަންހެނުންގެ ޙައްޤުތައް ދިފާއު ކުރުމަށް އެދީން ބާރުއެޅިއެވެ. އަންހެނުންނާމެދު ހިންގޭ އެއްމެހާ އިންސާނިއްޔަތާ ޚިލާފް ޢަމަލުތައް އެދީން މާނާކުރިއެވެ. އަދި އަންހެނުންނަކީ ޤަދަރާއި ޢިއްޒަތް ލިބިގެންވާ ބައެއްކަން ހާމަކޮއްދިނެއެވެ.
އިސްލާމް ދީން އައުމުގެ ކުރީގައި މީސްތަކުންގެ ތެރެއިން މީހަކަށް އަންހެން ދަރިއެއް ލިބިއްޖެނަމަ އެމީހުން އެކަމާ ހާސްވެ ކަން ބޮޑުވެގެން ދެއެވެ. މިކަމަށް އިޝާާރާތް ކުރައްވާ ﷲ تعالى ވަޙީކުރައްވަނީ"وَإِذَا بُشِّرَ أَحَدُهُمْ بِالْأُنْثَى ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ" މާނައީ:އަދި އެއިން މީހަކަށް އަންހެން ދަރިއަކު ލިބުމުގެ ޚަބަރު ދެވިއްޖެނަމަ އޭނަގެ މޫނު ކަޅުވެގެން ދެއެވެ. އަދި އޭނަ ހިތާމައިން މޮޅިވެގެން ދެއެވެ" (سورة النحل 58). އެހެނީ އެބައި މީހުން ދެކޭގޮތުގައި އަންހެން ކުއްޖެއް ލިބިއްޖެ ނަމަ އެއީ އެބައި މީހުންނަށް ލިބޭ ބޮޑު ބަދު ނަސީބެކެވެ. އަދި އެކުއްޖަކީ ބޭކާރު، އޭނަގެ ފަރާތުން އެއްވެސް ފައިދާއެއް ނުވާނެ ކުއްޖެކެވެ. އެހެންކަމުން މިބައިމީހުންނަށް ލިބޭ އަންހެން ކުދިން ދިރިހުޓާ ވަޅުލާ، ގަތުލުކޮއް ހަދައެވެ. ﷲ تعالى ވަޙީކުރައްވަނީ"وَإِذَا الْمَوْءُودَةُ سُئِلَتْ (8) بِأَيِّ ذَنْبٍ قُتِلَتْ " މަނައީ: "އަދި ދިރިހުޓާ ވަޅުލެވުނު ތުއްތު އަންހެން ކުއްޖާއާ ސުވާލުކުރެވިއްޖެ ހިދެވެ. އޭނާ ގާތުލު ކުރެވުނީ ކޮންކުށެއް ކޮއްގެން ތޯއެވެ.؟ (سورة تكوير 9-8)
އެހެނިހެން ބައެއް ދީންތަކުގައި އަންހެނުންގެ ޙައްޤުތައް:
ޔަހޫދީ ދީނުގައި އަންހެނުންގެ ޙަައިޟުގެ ދުވަސްވަރު އަންހެންމީހާ މުޅިން އެކަހެރި ކޮއްލައެވެ. ފިރިމީހާގެ ފަރާތުން ބޭނުންވާ އަޅާލުމާއި އެހީތެރިކަމެއް ނުލިބެއެވެ. އެހެންކަމުން މިދުވަސްތައް އަންހެންމީހާ ހޭދަކުރަނީ ވަރަށް ހިތްދަތިކަމާއި މާޔޫސް ކަމާއެކުއެވ. ނަމަވެސް ނަޞާރާއިން ކަންތައްކުރަމުން ދިޔައީ މިޔާމުޅިން ޚިލާފަށެވެ. އެބައިމީހުން އަންހެނުންގެ ޙައިޟުގެ ދުވަސްވަރުވެސް އަންހެންމީހައައެކު 'ގުޅުން' ހިންގައެވެ. އެކަމުން އަންހެން މީހާއަށް ލިބިދާނެ ގެއްލުމަކަށް ނުވިސްނައެވެ. ހިންދީ ދީނުގައި ކިތައްމެ ޒުވާން އަންހެން ކުއްޖެއް ނަމަވެސް ފިރިމީހާ މަރުވެއްޖެ ނަމަ އިތުރު މީހަކާ އިނުމުގެ ހުއްދައެއް ނޯވެއެވެ.
އިސްލަމް ދީނުގައި އަންހެނުންގެ ޙައްޤުތައް:
އިސްލާމް ދީނުގައި އެއްމެ ބޮޑު އެއްޗަކީ ޞާލިޙް ހެޔޮ ޢަމަލެވެ. ޢަމަލުގެ މައިދާނުގައި ޘަވާބާއި އަޒާބް ލިބުމުގައި ދެޖިންސުގެ ތަފާތެއް ނޯވެއެވެ. ފިރިހެނަކު ޞާލިޙް ހެޔޮ ޢަމަލެއް ކުރީމާ ލިބޭ އަޖުރް އަންހެނަކު ކުރީމަވެސް ލިބެއެވެ. ޖިސްމާނީ ގުތުން ދެގިންސު ތަފާތު ކަމަކީ އެއާމެދު އެއްވެސް މީހަކު ދެކޮޅު ހަދާނޭ ކަމެއް ނޫނެވެ. އެހެން ކަމުން ދެޖިންސުގެ މަސްޢޫލިއްޔަތު ތަކުގައިވެސް އިސްލާމްދީން ވަނީ އެކަމަށް ރިޔާއަތް ކޮއްފައެވެ. އެހެންކަމުން އަނބި ދަރިންނަށް ޚަރަދު ކުރުމަށް އާމްދަނީ ހޯދުމުގެ ޒިންމާ އެޅީފައިވަނީ ފިރިމީހާގެ ބޮލުގައެވެ. ނަމަވެސް ބޭނުންޖެހިއްޖެ ހިނދެއްގައި އިސްލާމީ ވެއްޓެއްގައި ވަޒީފާ އަދާކުރުމުގެ ޙައްޤު އަންހެންމީހައަށް ލިބިދެއެވެ. އަންހެނުންނަކީ ޖިސްމާނީ ގޮތުން ބަލިކަށި ބައެއްކަމުން ޖިހާދަށް ނިކުތުމެއް އެބައި މީހުންނަކަށް ނޯވެއެވެ. އަދި އަންހެނުންނަށް ނަފްސާނީ އަދި ޖިސްމާނީ ގޮތުން ކުރެވޭ އުނދަގޫތަކުން ސަލާމަތް ކުރުމަށް ޓަކައި ބުރުގާއެޅުން އެބައިމީހުންގެ މައްޗަށް ފަރުޟުކުރައްވާފައި ވެއެވެ. މިބައިމީހުންގެ ދުނިޔެވީ އުފާތަކަށް ބަލާލިކަމުގައި ވިޔަސް ފިރިމީހާ މަރުވެއްޖެ އަދި ވަރިކޮއްފި ހާލަތެއްގައި އެހެން މީހަކާ އިނުމުގެ ފުރުޞަތު ލިބިދެއެވެ. އިސްލާމް ދީނުގައި އަންހެނުންނަށް ދެވިފައިވާ ޤަދަރަށް ބަލާލިކަމުގައި ވިޔަށް رسول صلى ﷲ عليه وسلم އެންމެ ހަދީޘް ފުޅަކުންވެސް އެކަބނބަލުންގެ މަޤާމް ދޭހަ ވެގެން ދެއެވެ. ޞަޙާބީ ބޭކަލަކު އެކަލޭގެފާނުގެ އަރިހުން ސުވާލް ދެންނެވިއެވެ." من أحقّ ناس بحسن صحابتي" ތިމަންމެން އެންމެ ހެޔޮކޮން ކަންތައްކުރަންވީ ކާކާ މެދުހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘް ކުރައްވަނީ " أمّك " ''ކަލޭގެ މަންމައެވެ''. އެއަށް ފަހު އަނެއްކާވެސް ޞަޙާބީ ސުވާލް ކުރެއްވިއެވެ. ދެން ކާކަށް ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ." أمّك " "ތިބާގެ މަންމައެވެ." އަނެއްކާވެސް އެކަލޭގެފާނުގެ އަރިހުން ސުވާލް ދެންނެވުނެވެ. ދެންކާކައްތޯއެވެ؟ ދެންވެސް ޙަދީޘް ކުރެއްވިއެވެ.''" أمّك " ތިބާގެ މަންމައެވެ.'' މިގޮތަށް ތިންފަހަރު ޙަދީޘް ކުރެއްވުމަށްފަހު ހަތަރުވަނަ ފަހަރު ޙަދީޘް ކުރެއްވިއެވެ.''ތިބާގެ ބައްޕައެވެ''. ފިރިހެނަކަށްވުރެ ތިންގުނަ އަންހެނުންގެ މަޤާމް އިތުރުވެގެން ވެއެވެ. އެހެން ޙަދީޘް އެއްގައި ވަނީ ''أكمل المؤمنين إيمانا أحسنهم خلقا,وخياركم خياركم لنساءهم خلقا" މަނައީ :މުއުމިނުންގެ ތެރެއިން އީމާންކަން އެންމެ ފުރިހަމައީ އެއުރެންކުރެ އެންމެ އަޚްލާޤު ރަނގަޅު މީހާއެވެ. އަދި އެމީހުންގެ ތެރެއިން އެންމެ ހެޔޮ މީހުންނަކީ އެއުރެންގެ އަންހެނުންނަށް އެންމެ ހެޔޮ މީހާއެވެ.''
ހުޅަނގުން، މުސްލިމުއަންހެނުންގެ ޙައްޤުތަކާމެދު ކުރާ މައިގަނޑު ތުހުމަތުތައް:
އަނބިންނަށް އަނިޔާކޮއް އެކަނބަލުންގެ ގައިގާ ޖެހުމަށް قراّن ގައި ވަރިދުވެފައި ވާކަމަށް ބުނެ އެބައި މީހުން އަޑުއުފުލައެވެ. ފުރަތަމަ އަޅުގަނޑުމެން ބަލާލަމާ އިސްލާމް ދީނުގަޔާ އަދި އެހެނިހެން ދީންތަކުގާވެސް އަދަބު ކަނޑައަޅާފައިވަނީ ކީއްކުރަންތޯ! އާދެ ޝައްކެއްނެތް ގޮތުގައި ހުރިހާދީނެއްގެ މީހުންވެސް އަދި ދީނެއް ގަބޫލް ނުކުރާ ބައެއްގެ ތެރޭގައިވެސް އަދަބުތައެއް ކަނޑައަޅާފައިވަނީ އެބައެއްގެ ތެރޭގައި ކުއްމަދު ކުރުމައްކަން ހަމަ ޔަޤީނެވެ. ކުށްތަކަށް އަދަބު ކަނޑައެޅިފައި ނުވާނަމަ އެބައެއްގެ ތެރޭގައި ކުށްތަށް ގިނަވެގެންގޮސް މުޖުތަމައުގެ މައްސަލަޙަތު ގެއްލޭނެއެވެ. އެހެންކަމުން އިސްލާމް ދިނުގައިވެސް މުޖުތަމަޔާއި އާއިލާގެ މައްސަލަހަތައްޓަކައި އަދަބުތަކެއް ކަންޑައަޅާފައި ވަނީއެވެ. ﷲ تعالى ވަޙީކުރެއްވިއެވެ. " ...فَإِنْ أَطَعْنَكُمْ فَلَا تَبْغُوا عَلَيْهِنَّ سَبِيلًا... ". މާނައީ''އަދި އެކަނބަލުން ކިޔަމަންތެރި ވެއްޖެނަމަ އެކަނބަލުންނަށް އެއްވެސް ގޮތަކުން ގޯނާނުކުރާ ހުށިކަމެވެ''. (سورة النساء 34)
މިއާޔަތުގައި ބުނާ ޖެހުމުގެ މާނަ رسول صلى ﷲ عليه وسلم ޙަދީޘުން ބަޔާންވެގެން ވެއެވެ. ޖަހަން ޖެހެނީ އެހެން އެއްވެސް ކަމަކުން މަންފާ ނުކޮއްފި ނަމައެވެ. ނަޞީޙަތް ދީގެންވެސް އެކަމެއް ރަނގަޅު ނުވެއްޖިއްޔާއެވެ.އަދި ޖަހާއިރު ކޮއްމެ ކޮއްމެ ތާކު ނުވިސް ގެހެއެވެ. އަދި އެއީ މަޑުމަޑުން އެއްވެސް އަނިޔާއެއް ނުވާގޮތަށް ޖަހާ ޖެހުމެކެވެ.
ވަރިކުރުމުގެ ޙައްޤު ހަމަ އެކަނި އޮންނަނީ ފިރިމީހާއަށޭ ބުނެވެސް މިބައި މީހުން ތުހުމަތު ކުރެއެވެ. ނަމަވެސް ފިރިމީހާއާއެކު ނޫޅެވޭނަމަ ޚުލްޢު ވަރިއަކުން ވަރިކުރުމުގެ ފުރުޞަތު އިސްލާމް ދީނުގައި އަންހެނުންނަށް ދެއްވަފައިވެއެވެ.
މަހްރަމަކާނުލައި ދަތުރުކުރުން މަނާކޮއްފައި ވުމަކީވެސް މިބައިމީހުން ދެކޭގޮތުގައި އިސްލާމްދީނުގެ ތެރެއިން އަންހެނުންނަށް ލިބޭ ނިކަމެތިކަމެކެވެ. ނަމަވެސް އަންހެނަކު ދުރުހިލޭ ބަޔަކާއެކު ދަތުރު ކުރުމަކީ ރަނގަޅު ގޮތެއްނޫންކަން ބުއްދި ސަލާމަތުން ހުރި ކޮންމެމީހަކު ގަބޫލް ކުރާނެއެވެ. އަންހެނުންނަކީ ޖިސްމާނީގޮތުން ބަލިކަށި ބަޔަކަށް ވީހިދު މަޙްރަމަކާއެކު ދަތުރު ފަތުރުކުރުމަށް އިސްލާމްދީން ބާރުއަޅައިފައި ވަނީ އެކަނބަލުންނަށް ދިމާވެދާނެ ނުރައްކަލަކަށް ޓަކައެވެ.
ދެން މިބައިމީހުން ދައްކާ ދެކޮޅުނުޖެހޭ އަނެއްވާހަކައަކީ ފިރިހެނުންނަށް އެތްއަންބަކައްވުރެ ގިނައަނބިންނާ އިނުމުގެ ފުރުސަތު އޮއެފައި އަންހެނންުނަނަށް ދެފިރީންނާއި ކައިވެނި ކުރުމުގެ ފުރުސަތު ނެތްވަހަކައެވެ. އަންހެނުންނަށް މިފުސަތު އޮންނަނަމަ މުޖުތަމައުގަ ބޮޑު ފިތުނައަކަށް މަގުފަހިވަނެކަން ކަށަވަރެއެވެ. އެގަހު ކޭލެއް މިގަހު ކޭލެއް،އެރުކުކާޓެއް މިރުކުކާޓެއް،އެވަޅު ފެނެއް މިވަޅު ފެނެއް ނޭންގޭނެއެވެ. ދެން މުޖުތަމައު ތެރޭގައި ގިނަވާނީ ބައްޕައިންނެއް ދަރީންތަކެވެ.
ތަރިކަމުދަލުން އަންހެނުންނަށް މަދުން ލިބޭތީވެސް މިބައިމީހުން ޝަކުވާކުރެއެވެ. ނަމަވެސް ގަބޫލް ކުރަން ޖެހޭ ހަޤީޤަތަކީ އަންހެންމީހަގެ މައްޗަށް ހޭދަކުރާ ފަރާތަކީ ފިރިމީހާއެވެ. އަންހެންމީހާއަށް ލިބޭއެއްޗަކުން އެހެންމީހެއްގެ ހައްޤެއް ނޯވެއެވެ. ތަރިކަ މުދަލުން އަންހެންމީހާއަށް ގިނައިން ލިބޭ ހާލަތްތައްވެސް އާދެއެވެ. ވީމާ ތަރިކަ މުދަލުން އަންހެންމީހާއަށް ވުރެން ގިނައިން ލިބޭއެތިކޮޅާމެދު ޝަކުވާކުރުމުގެ ފުރުޞަތެއްނެތެވެ.
ވީމާ މިބައިމީހުން މިދައްކާ ވާހަކަތަކައީ އޭގައި އެއްވެސް ބުރަދަނެއް އެކުލެވިގެންނުވާ ބޭކަރު ވާހަކަ ތަކެކެވެ. އިސްލަމްދީނުގައި އަންހެނުންނަށް ދީފައިވާ ޙައްޤުތައް އެހެން އެއްވެސް ދީނެއްގައި ދީފައިނެއްކަން ފާހަގަ ކޮއްލަންޖެހެއެވެ. ނަމަވެސް ހިތާމައަކީ އިސްލާމްދީނުގައި އަންހެނުންނަށް އެއްވެސް ޙައްޤެއް ދީފައި ނެތްކަމައްބުނެ ބަޔަކުމީހުން އަޑުއުފުލާކަމެވެ.

Sunday 11 April 2010

ރާއްޖެއަށް އަރާ ދެވަނަ ރަންނަމާރިބާ..؟

ރާއްޖެއަށް އަރާ ދެވަނަ ރަންނަމާރިބާ..؟
 ޤާޞިދު


ދިވެހިންނަކީ ޒަމާނުންސުރެ، ސަފަރުކަތްދައާއި، ރަންނަމާރިއާއި، ފޫޅުދިގުހަނަޑި ފަދަ ރޫޙާނީ އެއްޗެހީގެ ވާހަކަ ދައްކާ އުޅޭބައެކެވެ. މިއެއްޗެހި އެމަބިމީހުން ސިފަކުރަނީ ބިރުވެރި ނުވަތަ ބިރުދައްކަން ބޭނުން ކުރާއެއްޗެހި ތަކެއް ގޮތަށެވެ. މިމަހު 23 ގައި ރާއްޖެ އައިސް ޝޯ ދިނުމަށް ހަމަޖެހިފައިވާ އޭކަން، މިފަދަ ބިރުވެރި ގޮތަކަށް ދިވެހިންގެ ތެރެއިން ބަޔަކު ސަފަކުރަނީ އޭނާގެ ކިބައިން ކޮންމެވެސް ކަހަލަ ބިރުވެރިކަންތައްތަކެއް ފެނިފައިވާތީ ކަން ކަށަވަރެވެ.

16 އެޕްރީލް 1973 ގައި އެމެރިކާގެ ސްޓައިން ލުއިސް އަށް އުފަންވި އޭކަންގެ ފުރިހަމަ ނަމަކީ އެލިއޭނޭ ޑަމަލާ އޭކަން ތިއަމް ކަމަށް އިންޓަރވިއު ތަކުގައި އޭނާ ބުނެއެވެ. ނަމަވެސް ގިނަ ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ ނަމާއި އޭނާގެ އުފަން ތާރީޚާ މެދު އެކިގޮތްގޮތަށް ވާހަކަ ދެކެވެއެވެ. އޭކަން އޭނާގެ ޅަފަތުގެ ދުވަސްތައް ހޭދަ ކޮށްފައި ވަނީ ސެނަގޯލްގައެވެ.
އޭކަންގެ މަންމަ އަކީ އެމެރިކާގެ ނައިޓްކުލަބް ތަކުގައި ނަށަން އުޅުނު އަންހެނެކެވެ. އަދި އޭނާގެ ބައްޕަ މޯ ތައިން އަކީވެސް މިއުޒިކް ކުޅޭ މީހެކެވެ. އޭކަންގެ ފުރިހަމަ ނަމާ އުފަންތާރީޚް އޮޅިފައިވަނީ މިސަބަބަށްޓަކައި ކަމަށްވުން އެކަށީގެންވެއެވެ. ކޮންމެއަކަސް އޭކަން ބޮޑުވެފައި ވަނީ މިއުޒިކްގެ ތެރޭގައެވެ. ސެނަގޯލްގައި ދުވަސްތަކެއް ހޭދަކުރުމަށް ފަހު ތައިމްގެ އާއިލާ އެމެރިކާއަށް ހިޖުރަކުރިއެވެ. އޭރު އޭކަންގެ އުމުރަކީ 7 އަހަރެވެ.
އެކަންގެ ތާރީޚް ދިރާސާ ކޮށްލައިފި މީހަކަށް އެނގިގެންދާނީ، އެންމެ ފުރަތަމަ އޭނާ އަކީ ގޭންގް ސްޓާ އެއްކަމެވެ. އޭނާވަނީ ވައްކަމާއި، މަގުފޭރުމާއި، ޑުރަގުގެ މައްސަލައިގައި އެތައްފަހަރެއްގެ މަތިން ޖަލަށްލެވިފައެވެ. އަދި އޭނާ ވަނީ ކާރުގައި ދަމުން މީހެއްގަޔަށް ބަޑިޖެހި މައްސަލައިގައިވެސް ޖަލަށް ލެވިފައެވެ. ކޮންމެއަކަސް އެންމެ މުޢުތަބަރުކޮށް އެނގެންއޮތީ އޭނާ ޖަލުގައި ހޭދަކުރީ މުޅިއެކު 5 އަހަރުކަމަށެވެ. ބުނެވޭ ގޮތުގައި އޭކަންއަށް އޭނަގެ ކިބައިގައި މިއުޒިކު ކުޅުމުގެ ހުނަރު ހުރިކަންއެނގުނީ އޭނާ ޖަލުގައި ހޭދަ ކުރިދުވަސްތަކުގައެވެ.
އޭކަން އެންފުރަތަމަ މަޝްހޫރުވެގެން ދިޔައީ އޭނާ 2004 ވަނަ އަހަރު ނެރުނު 'ޓްރަބަލް' ނަމަކަށް ކިޔާ އަލްބަމުގެ ސަބަބުންނެވެ. އެއަށް ފަހު އޭނާގެ އަލްބަމްތައް ޗާޓް ތަކުގެ ވަނަތަކަށް އަރައިގެން ދިޔަކަމުގައިވިޔަސް މުޅިދުނިޔޭގެ ސަމާލްކަމަށް އޭނާ އައީ މިއަލްބަމްގެ ސަބަބަކުންނެއް ނޫނެވެ. އަދިކިއެއްތަ، އެންމެން އޭނައާމެދު އެލާޓަށް އައިސް، މުޅިދިނިޔޭގެ މީޑިޔާގެ ސަމާލްކަން އޭނައަށް ހުއްޓިގެންދިޔައީ އޭނާ އެތައްހާށް ބައެއްގެ ކުރިމަތީގައި ހިންގި ބަދުޢަޚްލާޤީ ޢަމްލެއްގެ ސަބަބުންނެވެ.
އެއީ 2007 ވަނަ އަހަރު އެޕްރީލް މަހުގައި ޓްރިނިޑަޑްގައި އޮތް ކޮންސެޓެއްގައެވެ. މިކޮންސެޓްގައި އޭނާވަނީ އެތައްހާސް ބައެއްގެ ކުރިމަތީ ސްތޭޖެމަތީގައި 15 އަހަރުގެ އަންހެންޖުއްޖަކާއި ބަދްއަޚްލާޤީ ޢަމަލެއް ހިންގާފައެވެ. އަދި އޭނާ ވަނީ ފަހުން މިކަމަށް މާފަށްވެސް އެދިފައެވެ.
މުރާސިލުން ބުނާ ގޮތުގައި އޭކަންގެ މިޢަމަލުތަކަކީ އޭނާގެ ކޮންމެ ޝޯއެއްގައި ކަހަލަގޮތަކަށް އޭނާ ކުރާ ޢަމަލް ތަކެކެވެ. ނަމަވެސް ޓްރިނިޑާޑްގެ ކޮންސެޓްގެ ވާހަކަ އެހާ މަޝްހޫރުވީ އެފަހަރު އޭނާ އެކަންތައްކޮށްފައި ވަނީ 15 އަހަރުގެ އަންހެންކުއްޖަކާ އެކީ ކަމަށްވާތީ އެވެ. އޭކަން ބުނާގޮތުގައި 18 އަހަރުން ދަށުގެ ކުޑަކުދިން ޝޯއަށް ނުވަނުމަށް އޭނާ ވާނީ އަންގާފައެވެ. އޭކަން ހިންގި މިޖަރީމާގެ ސަބަބުން، އޭނާގެ ޝޯ ސްޕޮންސަރ ކުރަމުންދިޔަ ފަރާތްތަކުންވަނީ އެކަންވެސް ހުއްޓާލާފައެވެ. އަދި އެތައް މޯބައިލް ކުންފުންޏަކުން ވަނީ އޭނާ ގެ ލަވަތައް ރިންގް ޓޯންގެ ގޮތުގައި ދޫކުރުންއ ހުއްޓާލާފައެވެ. މިހެންކަމުން މިކަންވެގެންދިޔައީ އޭކަންގެ މިއުޒިކުގެ ކަންތައްގަނޑު އިނދަޖައްސުވާލި ކަމަކަށެވެ.
އޭކަންއާ ބެހޭގޮތުން އެހަކަށް ދުވަހަކު އިވުނީ އަދިމާ ހައިރާން ކުރުވަނިވި ޚަބަރެކެވެ. މިހިނގާ އެޕްރީލް މަހު 23 ގައި ސްރީލަންކާގެ ވެރިރަށް ކޮލަންބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންސެޓްގައި އޭކަންއަށް ބައިވެރިވުމުގެ ފުރުޞަތުގެއްލުންވާހަކަ އެވެ. ލަންކާގެ ޓޫރިޒަމް މިނިސްޓްރީއިން ވަނީ އޭނާއަށް ވިސާ ދޫކުރުމަށް ދެކޮޅުހަދާފައެވެ. ސަބަބެއްކަމަށް އެމިނިސްޓްރީއިން ބަޔާންކުރާގޮތުގައި، އޭކަންވަނީ އޭނާގެ ލަވަ 'ސެކްސީ ޗިކްސް' ގައި، ބިކިނީލައިގެން ތިބި އަންހެންކުދިން ތަކަކާއިއެކު ބުއްދާއެއްކުރިމަތީ ޑާންސް ކޮށްފައެވެ. އެބައިމީހުން ދެކޭގޮތުގައި މިއީ އެބައިމީހުންގެ ކަލާނގެއަށް ފުރައްސާރަކޮށް މަލާމާތް ކުރުމެކެވެ.
ކޮންމެއަކަސް އެންމެ ހައިރާންވެ އަންތަރީސް ވާންޖެހޭކަމަކީ މިފަދަ އަޚްލާޤީ ގޮތުން ދައްފެންވަރެއްގެ ޢަމަލުތަކެއް ކޮށްފައިވާ މީހަކަށް ދިވެހިރާއްޖެއިން ވަޤުތުން މަރުޙަބާ ކީކަމެވެ. ރައީސް ނަޝީދުގެ ޕްރެސް ސެކްރެޓަރީ ބުނެފައިވަނީ އޭކަން ރާއްޖެއަށް އައިސް ޝޯދޭން ނިންމި ކަމަށްޓކައި ވަރަށް އުފާ ކުރާކަމަށެވެ.
މިއީ ހައިރާންވާންޖެހޭ ކަމެކެވެ. އެހެނީ އެއްވެސް ދިރުމެއްނެތް އެއްޗެހިތަކަކަށް އިޙްތިރާމް ކުރުމުގެގޮތުން ބޭރުކޮށްލި މި މީހާއަށް މަރުޙަބާ މިކީ ޖައްބާރުވަންތަ ގަދަކީރިތިވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އީމާން ވެގެންތިބި ބައެކެވެ. މުސްލިމުންނަށް ވީތީ އަހަރެމެންގެ ހިތްތަކުގައި އޮންނަންޖެހޭ ޣީރަތްތެރިކަން ކޮބާހެއްޔެވެ؟؟ ހިލޭއަންހެނުންނާއި ހިލޭފިރިހެނުން އެއްތާކަށް އެއްވެ ޑާންސްކޮށް، ލަވަކިޔައި ނަށައި ހެދުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާން ކުރައްވާފައިވާ ކަމެކެވެ. އަދި މިއީ އިންތިހާއަށް ބިރުހުރިކަމެއްވެސްމެއެވެ. އެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސަލަމް ވަނީ މިފަދަ ބަޔަކު އަންނާނެކަމާއި، މިބައިމީހުނަށް ވެގެނަދާނެ ގޮތާބެހޭގޮތުން ގަދަފަދަ އިޒާރަކުން އިންޒާރުކުރައްވާފައެވެ.
ދިވެހި ލޮބްވެތި ރައްޔިތުންނޭވެ! 15 އަހަރުގެ ކުޑަ ކުއްޖާއާއެކު އެބަދްއަޚްލާޤީ ޢަމަލް ހިންގުމަށް ފަހު ދުނިޔޭގެ މީޑިޔާ ކުރިމަތީ އިޢުތިރާފްވި ފަދައިން ، ދިވެހިރާއްޖޭގައި އެފަދަ ޢަމަލެއްކޮށް މާފަށް އެދުމުގެ ކުރިން މިކަމުން ރައްކާތެރި ވުމުގެ ފިޔަވަޅުތައް އަޅަންވެއްޖެ އެވެ. ތިޔަބޭފުޅުންގެ ދަރިއަކާމެދު މިފަދަ ޢަމަލެއް ކުރެވެން ބޭނުންނޫންކަމުގައި ވަނީނަމަ މިކަން އަވަހަށް ހުއްޓުވޭތޯ މަސަކަތް ކުރައްވާށެވެ. ހަމަ އެކަކުވެސް މިޝޯއަށް ވަޑައިނުގައްނަވާށެވެ. ﷲ ދީނަށް ނަޞްރު ދިނުމަށް ލިބިފައިމިވާ ފުރުޞަތު ނަގާ ނުލައްވާށެވެ.
ނޯޓް: އޭކަންއާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި ، ދީނީ އަދި އިޖްތިމާޢީ ނަޒަރަކުން މިމައްސަލައިގައި ދެކެވިފައިވާ ވާހަކަތައް އަޑުއައްސަވާލެއްވުމަށް އެޓޯލް ރޭޑިޔޯ އިން އަންނަ 'އަނެއްފިކުރު' ޕްރޮގުރާމް އަޑުއައްސަވާ. (ކޮންމެ އާދިއްތަ ދުވަހެއްގެ ހެނދުނު 9:00 ން 10:00 ށް ، ރިޕީޓް ކޮންމެ އަންގާރަ ދުވަހެއްގެ ރޭ 11:00 ން 12:00 ށް)