Sunday 11 April 2010

ރާއްޖެއަށް އަރާ ދެވަނަ ރަންނަމާރިބާ..؟

ރާއްޖެއަށް އަރާ ދެވަނަ ރަންނަމާރިބާ..؟
 ޤާޞިދު


ދިވެހިންނަކީ ޒަމާނުންސުރެ، ސަފަރުކަތްދައާއި، ރަންނަމާރިއާއި، ފޫޅުދިގުހަނަޑި ފަދަ ރޫޙާނީ އެއްޗެހީގެ ވާހަކަ ދައްކާ އުޅޭބައެކެވެ. މިއެއްޗެހި އެމަބިމީހުން ސިފަކުރަނީ ބިރުވެރި ނުވަތަ ބިރުދައްކަން ބޭނުން ކުރާއެއްޗެހި ތަކެއް ގޮތަށެވެ. މިމަހު 23 ގައި ރާއްޖެ އައިސް ޝޯ ދިނުމަށް ހަމަޖެހިފައިވާ އޭކަން، މިފަދަ ބިރުވެރި ގޮތަކަށް ދިވެހިންގެ ތެރެއިން ބަޔަކު ސަފަކުރަނީ އޭނާގެ ކިބައިން ކޮންމެވެސް ކަހަލަ ބިރުވެރިކަންތައްތަކެއް ފެނިފައިވާތީ ކަން ކަށަވަރެވެ.

16 އެޕްރީލް 1973 ގައި އެމެރިކާގެ ސްޓައިން ލުއިސް އަށް އުފަންވި އޭކަންގެ ފުރިހަމަ ނަމަކީ އެލިއޭނޭ ޑަމަލާ އޭކަން ތިއަމް ކަމަށް އިންޓަރވިއު ތަކުގައި އޭނާ ބުނެއެވެ. ނަމަވެސް ގިނަ ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ ނަމާއި އޭނާގެ އުފަން ތާރީޚާ މެދު އެކިގޮތްގޮތަށް ވާހަކަ ދެކެވެއެވެ. އޭކަން އޭނާގެ ޅަފަތުގެ ދުވަސްތައް ހޭދަ ކޮށްފައި ވަނީ ސެނަގޯލްގައެވެ.
އޭކަންގެ މަންމަ އަކީ އެމެރިކާގެ ނައިޓްކުލަބް ތަކުގައި ނަށަން އުޅުނު އަންހެނެކެވެ. އަދި އޭނާގެ ބައްޕަ މޯ ތައިން އަކީވެސް މިއުޒިކް ކުޅޭ މީހެކެވެ. އޭކަންގެ ފުރިހަމަ ނަމާ އުފަންތާރީޚް އޮޅިފައިވަނީ މިސަބަބަށްޓަކައި ކަމަށްވުން އެކަށީގެންވެއެވެ. ކޮންމެއަކަސް އޭކަން ބޮޑުވެފައި ވަނީ މިއުޒިކްގެ ތެރޭގައެވެ. ސެނަގޯލްގައި ދުވަސްތަކެއް ހޭދަކުރުމަށް ފަހު ތައިމްގެ އާއިލާ އެމެރިކާއަށް ހިޖުރަކުރިއެވެ. އޭރު އޭކަންގެ އުމުރަކީ 7 އަހަރެވެ.
އެކަންގެ ތާރީޚް ދިރާސާ ކޮށްލައިފި މީހަކަށް އެނގިގެންދާނީ، އެންމެ ފުރަތަމަ އޭނާ އަކީ ގޭންގް ސްޓާ އެއްކަމެވެ. އޭނާވަނީ ވައްކަމާއި، މަގުފޭރުމާއި، ޑުރަގުގެ މައްސަލައިގައި އެތައްފަހަރެއްގެ މަތިން ޖަލަށްލެވިފައެވެ. އަދި އޭނާ ވަނީ ކާރުގައި ދަމުން މީހެއްގަޔަށް ބަޑިޖެހި މައްސަލައިގައިވެސް ޖަލަށް ލެވިފައެވެ. ކޮންމެއަކަސް އެންމެ މުޢުތަބަރުކޮށް އެނގެންއޮތީ އޭނާ ޖަލުގައި ހޭދަކުރީ މުޅިއެކު 5 އަހަރުކަމަށެވެ. ބުނެވޭ ގޮތުގައި އޭކަންއަށް އޭނަގެ ކިބައިގައި މިއުޒިކު ކުޅުމުގެ ހުނަރު ހުރިކަންއެނގުނީ އޭނާ ޖަލުގައި ހޭދަ ކުރިދުވަސްތަކުގައެވެ.
އޭކަން އެންފުރަތަމަ މަޝްހޫރުވެގެން ދިޔައީ އޭނާ 2004 ވަނަ އަހަރު ނެރުނު 'ޓްރަބަލް' ނަމަކަށް ކިޔާ އަލްބަމުގެ ސަބަބުންނެވެ. އެއަށް ފަހު އޭނާގެ އަލްބަމްތައް ޗާޓް ތަކުގެ ވަނަތަކަށް އަރައިގެން ދިޔަކަމުގައިވިޔަސް މުޅިދުނިޔޭގެ ސަމާލްކަމަށް އޭނާ އައީ މިއަލްބަމްގެ ސަބަބަކުންނެއް ނޫނެވެ. އަދިކިއެއްތަ، އެންމެން އޭނައާމެދު އެލާޓަށް އައިސް، މުޅިދިނިޔޭގެ މީޑިޔާގެ ސަމާލްކަން އޭނައަށް ހުއްޓިގެންދިޔައީ އޭނާ އެތައްހާށް ބައެއްގެ ކުރިމަތީގައި ހިންގި ބަދުޢަޚްލާޤީ ޢަމްލެއްގެ ސަބަބުންނެވެ.
އެއީ 2007 ވަނަ އަހަރު އެޕްރީލް މަހުގައި ޓްރިނިޑަޑްގައި އޮތް ކޮންސެޓެއްގައެވެ. މިކޮންސެޓްގައި އޭނާވަނީ އެތައްހާސް ބައެއްގެ ކުރިމަތީ ސްތޭޖެމަތީގައި 15 އަހަރުގެ އަންހެންޖުއްޖަކާއި ބަދްއަޚްލާޤީ ޢަމަލެއް ހިންގާފައެވެ. އަދި އޭނާ ވަނީ ފަހުން މިކަމަށް މާފަށްވެސް އެދިފައެވެ.
މުރާސިލުން ބުނާ ގޮތުގައި އޭކަންގެ މިޢަމަލުތަކަކީ އޭނާގެ ކޮންމެ ޝޯއެއްގައި ކަހަލަގޮތަކަށް އޭނާ ކުރާ ޢަމަލް ތަކެކެވެ. ނަމަވެސް ޓްރިނިޑާޑްގެ ކޮންސެޓްގެ ވާހަކަ އެހާ މަޝްހޫރުވީ އެފަހަރު އޭނާ އެކަންތައްކޮށްފައި ވަނީ 15 އަހަރުގެ އަންހެންކުއްޖަކާ އެކީ ކަމަށްވާތީ އެވެ. އޭކަން ބުނާގޮތުގައި 18 އަހަރުން ދަށުގެ ކުޑަކުދިން ޝޯއަށް ނުވަނުމަށް އޭނާ ވާނީ އަންގާފައެވެ. އޭކަން ހިންގި މިޖަރީމާގެ ސަބަބުން، އޭނާގެ ޝޯ ސްޕޮންސަރ ކުރަމުންދިޔަ ފަރާތްތަކުންވަނީ އެކަންވެސް ހުއްޓާލާފައެވެ. އަދި އެތައް މޯބައިލް ކުންފުންޏަކުން ވަނީ އޭނާ ގެ ލަވަތައް ރިންގް ޓޯންގެ ގޮތުގައި ދޫކުރުންއ ހުއްޓާލާފައެވެ. މިހެންކަމުން މިކަންވެގެންދިޔައީ އޭކަންގެ މިއުޒިކުގެ ކަންތައްގަނޑު އިނދަޖައްސުވާލި ކަމަކަށެވެ.
އޭކަންއާ ބެހޭގޮތުން އެހަކަށް ދުވަހަކު އިވުނީ އަދިމާ ހައިރާން ކުރުވަނިވި ޚަބަރެކެވެ. މިހިނގާ އެޕްރީލް މަހު 23 ގައި ސްރީލަންކާގެ ވެރިރަށް ކޮލަންބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންސެޓްގައި އޭކަންއަށް ބައިވެރިވުމުގެ ފުރުޞަތުގެއްލުންވާހަކަ އެވެ. ލަންކާގެ ޓޫރިޒަމް މިނިސްޓްރީއިން ވަނީ އޭނާއަށް ވިސާ ދޫކުރުމަށް ދެކޮޅުހަދާފައެވެ. ސަބަބެއްކަމަށް އެމިނިސްޓްރީއިން ބަޔާންކުރާގޮތުގައި، އޭކަންވަނީ އޭނާގެ ލަވަ 'ސެކްސީ ޗިކްސް' ގައި، ބިކިނީލައިގެން ތިބި އަންހެންކުދިން ތަކަކާއިއެކު ބުއްދާއެއްކުރިމަތީ ޑާންސް ކޮށްފައެވެ. އެބައިމީހުން ދެކޭގޮތުގައި މިއީ އެބައިމީހުންގެ ކަލާނގެއަށް ފުރައްސާރަކޮށް މަލާމާތް ކުރުމެކެވެ.
ކޮންމެއަކަސް އެންމެ ހައިރާންވެ އަންތަރީސް ވާންޖެހޭކަމަކީ މިފަދަ އަޚްލާޤީ ގޮތުން ދައްފެންވަރެއްގެ ޢަމަލުތަކެއް ކޮށްފައިވާ މީހަކަށް ދިވެހިރާއްޖެއިން ވަޤުތުން މަރުޙަބާ ކީކަމެވެ. ރައީސް ނަޝީދުގެ ޕްރެސް ސެކްރެޓަރީ ބުނެފައިވަނީ އޭކަން ރާއްޖެއަށް އައިސް ޝޯދޭން ނިންމި ކަމަށްޓކައި ވަރަށް އުފާ ކުރާކަމަށެވެ.
މިއީ ހައިރާންވާންޖެހޭ ކަމެކެވެ. އެހެނީ އެއްވެސް ދިރުމެއްނެތް އެއްޗެހިތަކަކަށް އިޙްތިރާމް ކުރުމުގެގޮތުން ބޭރުކޮށްލި މި މީހާއަށް މަރުޙަބާ މިކީ ޖައްބާރުވަންތަ ގަދަކީރިތިވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އީމާން ވެގެންތިބި ބައެކެވެ. މުސްލިމުންނަށް ވީތީ އަހަރެމެންގެ ހިތްތަކުގައި އޮންނަންޖެހޭ ޣީރަތްތެރިކަން ކޮބާހެއްޔެވެ؟؟ ހިލޭއަންހެނުންނާއި ހިލޭފިރިހެނުން އެއްތާކަށް އެއްވެ ޑާންސްކޮށް، ލަވަކިޔައި ނަށައި ހެދުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާން ކުރައްވާފައިވާ ކަމެކެވެ. އަދި މިއީ އިންތިހާއަށް ބިރުހުރިކަމެއްވެސްމެއެވެ. އެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސަލަމް ވަނީ މިފަދަ ބަޔަކު އަންނާނެކަމާއި، މިބައިމީހުނަށް ވެގެނަދާނެ ގޮތާބެހޭގޮތުން ގަދަފަދަ އިޒާރަކުން އިންޒާރުކުރައްވާފައެވެ.
ދިވެހި ލޮބްވެތި ރައްޔިތުންނޭވެ! 15 އަހަރުގެ ކުޑަ ކުއްޖާއާއެކު އެބަދްއަޚްލާޤީ ޢަމަލް ހިންގުމަށް ފަހު ދުނިޔޭގެ މީޑިޔާ ކުރިމަތީ އިޢުތިރާފްވި ފަދައިން ، ދިވެހިރާއްޖޭގައި އެފަދަ ޢަމަލެއްކޮށް މާފަށް އެދުމުގެ ކުރިން މިކަމުން ރައްކާތެރި ވުމުގެ ފިޔަވަޅުތައް އަޅަންވެއްޖެ އެވެ. ތިޔަބޭފުޅުންގެ ދަރިއަކާމެދު މިފަދަ ޢަމަލެއް ކުރެވެން ބޭނުންނޫންކަމުގައި ވަނީނަމަ މިކަން އަވަހަށް ހުއްޓުވޭތޯ މަސަކަތް ކުރައްވާށެވެ. ހަމަ އެކަކުވެސް މިޝޯއަށް ވަޑައިނުގައްނަވާށެވެ. ﷲ ދީނަށް ނަޞްރު ދިނުމަށް ލިބިފައިމިވާ ފުރުޞަތު ނަގާ ނުލައްވާށެވެ.
ނޯޓް: އޭކަންއާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި ، ދީނީ އަދި އިޖްތިމާޢީ ނަޒަރަކުން މިމައްސަލައިގައި ދެކެވިފައިވާ ވާހަކަތައް އަޑުއައްސަވާލެއްވުމަށް އެޓޯލް ރޭޑިޔޯ އިން އަންނަ 'އަނެއްފިކުރު' ޕްރޮގުރާމް އަޑުއައްސަވާ. (ކޮންމެ އާދިއްތަ ދުވަހެއްގެ ހެނދުނު 9:00 ން 10:00 ށް ، ރިޕީޓް ކޮންމެ އަންގާރަ ދުވަހެއްގެ ރޭ 11:00 ން 12:00 ށް)

No comments:

Post a Comment